އަލްފާޟިލް ނ.ތ. މުޙައްމަދުދީދީ

ހުސްނުހީނާގެ

28 ފެބްރުއަރީ 1954 - 12 ސެޕްޓެމްބަރ 1954

ތައާރަފް

އަލްފާޟިލް ނޫމަރާގަނޑުވަރު ތުއްތުމަނިކުފާނު މުޙައްމަދު ދީދީއަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4 ވަނަ) ގެ އަލްއަމީރު ނޫމަރާގަނޑުވަރު އިބްރާހީމް ތުއްތުމަނިކުފާނުގެ ދަރިކަލެކެވެ. މުޙައްމަދު ދީދީ ފުރަތަމަ ފުވައްމުލަކަށް ވަޑައިގެންނެވީ ޖުމްހޫރީ ދައުރު ބަދަލުވުމާ ގުޅިގެން އެކަން ރައްޔިތުންނަށް އަންގަވައިދެއްވުމަށެވެ. 1953 ވަނަ އަހަރު ކުރެއްވި މި ޒިޔާރަތުގައި ރަށްވެހިގޭގައި ކުރެވުނު ތަޖުރިބާއާއި، ވެރިމީހާއަށް ޚިދުމަތް ކުރެއްވުމުގައި އެތަނުގެ މުވައްޒަފުން ދެއްކެވި ލާމަސީލު ނަމޫނާއިން އެމަނިކުފާނު ވަރަށް ޝައުޤުވެރިވެ ވަޑައިގެންނެވިއެވެ. އަދި ފަރިއްކުޅުއްވުމުގެ އިންތިޒާމުތައްވެސް މާލެއާ އެއްފެންވަރެއްގައި ހުރުމުން ފުވައްމުލަކާމެދު އެމަނިކުފާނުގެ ޝައުޤުވެރިކަން އިތުރަށް އުފެދިވަޑައިގެންނެވިއެވެ.

މުޙައްމަދު ދީދީ އަތޮޅުވެރިކަމާ ޙަވާލުވެ ވަޑައިގެންނެވީ 1954 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަތޮޅުވެރިކަމުގައި ރަށުގެ ހުރަސްމަގާއި ދިގުމަގު ހަނިކުރައްވައި، ދިގުމަގުގެ ދެކޮޅުން ގޯތި ދޫކުރައްވައި، ދެމަގުގެ ދެކޮޅުން ބަންދުކުރެއްވިއެވެ. މި ނިންމެވުމާމެދު ރަށުގެ ގިނަ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ. މީގެއިތުރުން، އޭރު ރައްޔިތުން ކުޅިވަރު ކުޅެމުން އައި ބޯޅަދަނޑު އޮތް ސަރަޙައްދުގައި މީހުންނަށް ދޫކޮށްފައިވާ ގޯތިތަކެއް ހިމެނޭތީ، ބޯޅަދަނޑު އުވާލައްވައި އެތަނުން ގޯތި ދޫކުރެއްވިއެވެ. އަދި ބައެއް މީހުން އެތަނުގައި ގެ އެޅުއްވިއެވެ.

މިފަދަ ނިންމެވުންތަކާ ގުޅިގެން އޭރުގެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ނުރުހުން އިތުރުވެ، ޒުވާނުންގެ ފަރާތުން ފުރައްސާރައިގެ ޢަމަލުތައް ފެންނަން ފެށިއެވެ. މި ހާލަތުގައި، މަސައްކަތުގެ މާޙައުލު ކުރިން ދެކެވަޑައިގެންނެވި ފަދައިން ނެތްކަން ފާހަގަކުރައްވައި، އެމަނިކުފާނު މާލެ ވަޑައިގަތުމަށް ނިންމެވިއެވެ.

އެންމެ ފަހުން، 1954 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު، އަލްފާޟިލް ނޫމަރާގަނޑުވަރު ތުއްތުމަނިކުފާނު މުޙައްމަދު ދީދީ ފުވައްމުލަކު އަތޮޅުވެރިކަމުން އިސްތިޢުފާ ދެއްވިއެވެ.

ވީޑިއޯ